ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވުމަށްޓަކައި ބޭނުންވާ ލައިސަންސަށް އެދި ހުށަހަޅާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 42 ބްރާންޗާއި، 267 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފޯރުކޮށްދެމުންދާ ބީއެމްއެލްއިން، ރާއްޖެއިން ބޭރަށްހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްރީލަންކާގައި ބްރާންޗެއް ހުޅުވުމުގެ ހުއްދައަށް އެދި މިހާރު އެ ގައުމުގެ މަރުކަޒީ ބޭންކަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ނަމަވެސް، ބޭރު ގައުމެއްގައި ބޭންކުގައި ބްރާންޗެއް ހުޅުވުމުގައި ގިނަ ކަންތައްތަކަކަށް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.
"ސްރީލަންކާގައި ބްރާންޗެއް ހުޅުވުމުގެ ލައިސަންސަށް އެދި އަޅުގަނޑުމެން މަރުކަޒީ ބޭންކަށް މިހާރު ވަނީ ހުށަހަޅާފައި. އެކަމަކު ރާއްޖޭން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވާއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރޭ." ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލްގެ ރައުސްމާލުގައި މިހާރު 16 ބިލިއަން ރުފިޔާ ހުރި ނަމަވެސް، ރާއްޖެއިން ބޭރުގައި ބްރާންޗުތައް ހުޅުވުމަށްޓަކައި އެ އަދަދު އިތުރަށް މަތިކުރަން ޖެހޭކަމަށް ޝަރީފު ވިދާޅުވިއެވެ.
"ބޭރު ގައުމުތަކުގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ރައުސްމާލުގެ މިންގަނޑުތައް ހުންނަނީ ވަރަށް މަތީގައި. ބައެއް ފަހަރު ރެޕް އޮފީހެއް (ލިއޭޒަން އޮފީހެއް) ކަހަލަ ތަނެއް ހުޅުވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ލައިސަންސަށް މި އެދުނީ ލަންކާގައި ބްރާންޗެއް ހުޅުވޭނެ ކަމުގެ އިތުބާރު އޮތުމުން. އެކަމާ ގުޅޭ ޕްރޮޕޯސަލްތައް މިހާރު ވަނީ ހުށަހަޅާފައި." ޝަރީފު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު ބީއެމްއެލްއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ކަމަށްވާއިރު ހުރިހާ އަތޮޅެއްގައި ބްރާންޗުތައް ގާއިމުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމްކޮށްފައެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.