RSS Amplifier

ޓީއެންއެން - : އިޖްތިމާޢީ · Jun 19, 2026

މީހުން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ މުޖުތަމަޢަކަށް ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމަންޓް: މެޑަމް ސާޖިދާ

0
Sign in to vote or save

Maryam Inaa Maajid · ޓީއެންއެން

މީހުން ބިނާކުރުމުގެ ދާއިރާގައި އިންވެސްޓްކުރުމަކީ، ކޮންމެ މުޖުތަމަޢަކަށްވެސް ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމަންޓް ނުވަތަ ވުނަކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު އޮންލައިންކޮށް ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފ.ްއެލް.އައި) ސަމިޓުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެފްރިކާ އަދި އޭޝިއާ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް ކޮންމެ މީހަކަށްމެ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބެންޖެހޭނެ ކަމަށެވެ. އަދި އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށް އެކަމަނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.

މެރކް ފައުންޑޭޝަނާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، މި ގުޅުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން 13 ސްކޮލަޝިޕެއް ލިބިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑާއި، 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފައުންޑޭޝަންގެ 'މޯ ދޭން އަ މަދަރ' ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމަޢުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ. އެފަދަ ތަފާތުކުރުންތަކަކީ އެ ބަލީގެ ވޭނާ އެއްވަރުގެ ކަމެއްކަން ފާހަގަކުރައްވައި، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމަޢުތަކެއް ބިނާކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މެރކް ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި، އެ ފައުންޑޭޝަނުން ވޭތުވެދިޔަ 14 އަހަރު ދުވަހު ހިންގާފައިވާ ބަދަލުތަކެއް ގެނުވި ޕްރޮގްރާމްތަކަށް މަރުހަބާ ވިދާޅުވަމުން، ޞިއްޙަތާއި، ފުރުސަތުތަކާއި، އަބުރުވެރިކަމަކީ އެންމެންގެ ޙައްޤަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީއަކީ އެފްރިކާ އަދި އޭޝިއާ ސަރަހައްދުގެ ތަރައްޤީއާއި ޞިއްޙީ ދާއިރާގެ މުހިންމު ކަންކަމަށް ހައްލު ހޯދުމަށްޓަކައި ބާއްވާ އަހަރީ ކޮންފަރެންސެކެވެ.

Read the original on tnn.mv

Comments

Nothing yet. Say the first thing.

    Sign in to join the conversation.