ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް، ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، "ފްރެންޑް 4" ނަމަކަށް ކިޔާ މި ސަޕްލައި ދޯނި ކަނޑުގަދަވެ، ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ 5 އޮގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭ 22:37 ހާއިރުއެވެ.
މި މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފަށާފައެވެ. ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ދޯނި ވަނީ އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގިއިރު، ދޯނީގައި ޖުމްލަ 8 މީހުން ތިއްބެވެ. އޭގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.
ނަމަވެސް، މި ހާދިސާގައި ދޯނީގެ ކައްޕީގެ އިތުރުން، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އަމަލީ ގޮތުން ބައިވެރިވި ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.