ކަސްޓަމްސްއަކީ ހަމައެކަނި ދައުލަތަށް އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނު ނަމަވެސް، މިއަދު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާބޮޑަށް ފުޅާވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މާލޭގައި ފެށި "ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ކަސްޓަމްސް ސަބްގްރޫޕް"ގެ 14 ވަނަ ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް މިހާރު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައި ކަމަށެވެ. އަދި ސަރަޙައްދީ ވިޔަފާރި ބައްޓަންކުރުމަށްޓަކައި ޑިޖިޓަލް ގުޅުންތަކަށް ކުރެވޭ އިންވެސްޓްމަންޓްތައްވެސް އިތުރުކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ހަމައެކަނި އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށްގެން ފުރިހަމަ ގުޅުންތެރިކަމެއް ނުއުފެއްދޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދޯހަޅި އަދި ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ، ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާއެއް ނުނެގޭނެ ކަމަށެވެ. އަދި ވަކިވަކިން ވަކިވެގަނެގެން މަސައްކަތްކުރާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤައުމީ ބޯޑަރެއް ހުރަސްކުރާއިރު މަޢުލޫމާތު ފޯރުކޮށްދިނުން ހުއްޓޭނަމަ، ސަރަޙައްދީ އިޤްތިޞާދީ ކޯރިޑޯއަކަށް އެދެވޭ ގޮތެއްގައި މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސަރަޙައްދީ ގުޅުންތެރިކަމުގެ ދެން އޮތް މަރުޙަލާއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތައް ގުޅުވާލުމުގެ ބަދަލުގައި، ނިޒާމުތަކާއި މަޢުލޫމާތު އަދި މުއައްސަސާތައް ވެސް ގުޅުވާލުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ އިގްތިސާދީ އަމާޒުތަކުގެ މަރުކަޒުގައި ކަސްޓަމްސް އިދާރާތައް ވާކަން. އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގަ. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ޤާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ޤައުމީ އާމްދަނީ ރައްކާތެރިކޮށް، ޣައިރުޤާނޫނީ ވިޔަފާރި ހުއްޓުވައި، ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އަދި މުދާ އަވަހަށް އުފުލުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި މި އަމާޒުތަކަށް ވާސިލުވުމަށް ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވަމުން، ޑިޖިޓަލް ކަސްޓަމްސް ނިޒާމުތަކާއި، ނޭޝަނަލް ސިންގަލް ވިންޑޯ، އިލެކްޓްރޯނިކް ލިޔެކިޔުންތައް، އެޑްވާންސް އިންފޮމޭޝަން، އޮޓޯމޭޓެޑް ރިސްކް މެނޭޖްމަންޓް އަދި ޑޭޓާ އެނަލިޓިކްސްގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުން ނޫން ކަމަށެވެ. އަދި އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަންކުރުމާއި، ބޭނުންނެތް އިޖުރާއަތްތައް އުވާލުމާއި، ސަރުކާރުގެ އިދާރާތައް ގުޅުވާލުމުގެ އިތުރުން މުދާ އައުމުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ބައްދަލުވުމުގެ ބައިވެރިންނަށް ވަޒީރު މަރުޙަބާ ދެންނެވިއެވެ. މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމަށާއި، ބޯޑަރުތައް ރައްކާތެރިކުރުމަށާއި، އިޤްތިޞާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އެރުވުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.
މި މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސަސެކް ކަސްޓަމްސް ސަބްގްރޫޕްގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، އިންޑިއާ އަދި ސްރީލަންކާގެ ކަމާބެހޭ މަންދޫބުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.