އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއްކަމަށާއި، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ފުރިހަމަ ނުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު" މި މައުޟޫޢަށް އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި މުސްލިމުންނަށް ކާމިޔާބީއެއް ނެތެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ބައެއް މީހުންނަށް ސުންނަތަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ހީވެފައި އޮތުމަކީ ބޮޑު އޮޅުމެކެވެ. ނަމާދާއި، ޒަކާތާއި، ޙައްޖުގެ އަޅުކަން ފަދަ ދީނުގެ ބޮޑެތި ފަރުޟުތައް އަދާކުރާނެ ގޮތުގެ ތަފްޞީލުތައް ކީރިތި ޤުރްއާނުގައި ބަޔާންވެގެން ނުވާކަމަށާއި، އެކަންކަން މުސްލިމުންނަށް އެނގެން އޮތީ ހަމައެކަނި ރަސޫލާ ﷺ ގެ ސުންނަތުންކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
"ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތެވެ،" ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ޚުޠުބާގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ރަސޫލާ ﷺ އަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި މާތް ﷲ އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އަމިއްލަ އެދުންފުޅަށް ދައްކަވާ ވާހަކަފުޅުތަކެއް ނޫންކަމަށާއި، އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމަށް ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވަނީ ޝަހާދަތުގެ ދެކަލިމަ ފަދަ ވަކިނުކުރެވޭނެ ގުޅުމެއްކަން ބަޔާންކޮށް، ރަސޫލާ ﷺ ގެ ސުންނަތަށް ޤަދަރުކޮށް އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރުމަށް ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވެފައެވެ.

Comments
Nothing yet. Say the first thing.
Sign in to join the conversation.